ޖިސްމާނީ ހާނިއްކައަކީ އެހެން މީހެއްގެ ޢަމަލަކުން ކުއްޖާގެ ފުރާނައަށް ނޫނީ ހަށިގަނޑަށް ގެއްލުންލިބޭފަދަ ޢަމަލެއް ހިންގުމެވެ. މިއީ ގަސްތުގައިވެސް، ނުވަތަ ކުއްޖާއަށް އަދަބުދިނުމުގައި ނޫނީ ޖިސްމާނީގޮތުން ހަރުކަށިކޮށް ކުއްޖާއާ ދޭތެރޭ ޢަމަލުކުރުމުގައިވެސް ހިނގާފާނެ ކަންކަމެވެ. ޖިސްމާނީ ހާނިއްކައިގެ ތެރޭގައި ޖެހުން، ދަތްއެޅުން، ކުއްޖާ ތެޅުވުން، ފިއްސުން، ހާސްވާގޮތަށް މޫނުގައި އެއްޗެތިއެޅުން، ގެންބުން ނުވަތަ ޒަހަރުފަދަ އެއްޗެތި ކުއްޖާއަށް ދިނުން ހިމެނެއެވެ.

ކުއްޖާއަށް ކޮށްފާނޭ އަސަރު

- ޖިސްމާނީ ހާނިއްކައިގެ ސަބަބުން ކުއްޖާގެ ޞިއްޙަތަށާއި ހެދިބޮޑުވުމަށް ދިގުމުއްދަތުގެ އަސަރުކޮށްފާނެއެވެ.

- މިފަދަ ހާނިއްކައިގެ ސަބަބުން ހަށިގަނޑަށް އަނިޔާވެ ނުވަތަ ސިކުނޑިއަށް ގެއްލުންވެ، ނޫނީ ކުއްޖާ ނުކުޅެދުންތެރިވެދާނެއެވެ.

- ލިބޭ ހާނިއްކައެއްގެ ސަބަބުން ކުއްޖާގެ ފުރާނައަށް ގެއްލުންވުންވެސް އެކަށީގެންވެއެވެ. ހަމައެފަދައިން ކުއްޖާގެ އަޚްލާޤީ، ޢިލްމީ ނުވަތަ ނަފްސާނީ މައްސަލަތައް ކުރިމަތިވެއެވެ.

ނިޝާންތަކާއި ޢަލާމާތްތައް

މިފަދަ ހާނިއްކައެއް ލިބިފައިވާ ކުއްޖެއްގެ ފަރާތުން ފެނިދާނޭ ސިފަތައް:

- ކުޑަކަމުދާ ނިޒާމަށް ތަކުރާރުކޮށް ބަލިޖެހުން ނުވަތަ ފާރުވުން
- ތަންމައްޗަށް ކުޑަކަމުދެވުން.
- ރައްޓެހިންނާއި އޮންނަ ގުޅުން ކުއްލިއަކަށް ކެނޑުން/ކުޑަވުން.
- ކުރާ ކަންކަމާ ދޭތެރޭ އޮންނަ ޝައުގުވެރިކަން ކެނޑުން.
- ކަމަކަށް ސަމާލުކަން ދީގެން ގިނައިރު ނީނދެވުން.
- ޖިންސީ ކަންކަމަށް އާދަޔާ ޚިލާފަށް ޝައުގުވެރިވުން.
- ބޮޑެތި މީހުން ނުވަތަ ކުއްޖާއާ އެކި ޙާލަތުގައި ޙަވާލުވެފައިވާ މީހުންނާ ދޭތެރޭ ރުޅިވެރިކަން އުފެދުން.
- އަބަދު ކައިރީގައި މީހުން ބައިތިއްބަން ބޭނުންވުން.
- ވާހަކަ ދައްކާގޮތް ބަދަލުވުން. (މިސާލަކަށް: ޢުމުރަށްވުރެ ކުޑަކުދިން ދައްކާގޮތަށް ވާހަކަ ދައްކަންފެށުން)
- ކިޔެވުމުގައި އުނދަގޫތައް ކުރިމަތިވުން.
- ގެއިން ފިލައިގެން ދާންފެށުން.
- ބަލިކަމުގެ ޝަކުވާ ކުރުން.
- އެހެންމީހުންނަށް އިތުބާރު ނުކުރެވުން.
- ކުރިން ކުއްޖާ ބިރުނުގަންނަ ކަންކަމުގައި ބިރުގަތުން.
- އެހެން ކުދިންނާއެކު މަޖާ ކުރާހިތް ނުވުން.
- އަމިއްލަ ނަފްސަށް/ފުރާނައަށް ގެއްލުންދޭން އުޅުން.
- އަމިއްލަ ނަފްސަށް ދެރަކޮށް ހިތުމާއި، އަމިއްލަ ނަފްސުގެ އަގުވަޒަން ނުކުރުން.
- މަސްތުވާތަކެތި ބޭނުންކުރުން.
- އަމިއްލަ ނަފްސާމެދު ފަރުވާކުޑަކުރުން.
- ކުއްޖާގެ އުޅުމުން ޖިންސީ ޙަރަކާތްތައް ފެނުން.
- ޢުމުރާ ނުގުޅޭ ޖިންސީ މަޢުލޫމާތު ކުއްޖާއަށް ލިބިފައިވުން.

އެހީ ހޯދޭނެގޮތް

ޖިންސީ ގޯނާ/ ހާނިއްކަ ކުރިމަތިވާނަމަ ނުވަތަ އެފަދަކަމަކަށް ޝައްކުކުރެވޭނަމަ:

- މާލެ އަތޮޅު ރަށަކުންނަމަ މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރގެ ފޯނު ނަންބަރ: 3328393 ގުޅުއްވުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ.
- އެ އަތޮޅެއްގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ)އަށް ގުޅުއްވާ ނުވަތަ ޒިޔާރަތްކުރުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ.
- 1412 (ކުޑަކުދިންނަށް ހިލޭ ގުޅެނަންބަރު)އަށް ގުޅުއްވުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ.
- ފުލުހުންގެ އިދާރާއަކަށް ނުވަތަ ޢާއިލާ އަދި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭ ފުލުހުންގެ ޑިޕާޓްމަންޓް (އެފް.ސީ.ޕީ.ޑީ)ގެ ފޯނު ނަންބަރު: 3000600 ގުޅުއްވުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ.

އެހީ ވެވޭނޭ ގޮތް

- ކުއްޖަކަށް މިފަދަ ކަމެއް ކުރިމަތިވާކަން އެނގޭނަމަ ނުވަތަ ޝައްކު ކުރެވޭނަމަ، އެކުއްޖާ ކުރެން ސުވާލުކޮށް އެހީ ވެވޭނޭ މަގުތައް ދެނެގަންނާށެވެ.
- ކުއްޖާއަށް ހިއްވަރުދީ އެކަނިވެރި ނުވާނޭކަން އަންގައިދޭށެވެ.
- ކުދިންގެ ޙާލުބަލާ އެ ކުދިންނަށް ވީ މިންވަރަކުން އެހީވެދޭށެވެ.