އިހުމާލުވުމަކީ ކުއްޖާގެ ހެދިބޮޑުވުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރުމާއި ނުކުރެވެން މެދުވެރިވާ ފަދަގޮތަކަށް މައިންބަފައިންނާއި ބެލެނިވެރީން ގަސްތުގައި ނުވަތަ ނޭނގި ނަމަވެސް ހިންގާ ކަންކަމެވެ. ކުއްޖާ އެކަނިވެރި ކޮށްލުމާއި ކުއްޖާއާ ދޭތެރޭ އެއްވެސް ވަރަކަށް އަޅާނުލުމަކީވެސް އިހުމާލެކެވެ. އިހުމާލުގެ ބާވަތްތަކުގެ ތެރޭގައި ޖިސްމާނީ، ނަފްސާނީ، ތަޢުލީމީ ކަންކަމުގައާއި އަދި ޞިއްޙީ ކަންކަމުގައިވާ އިހުމާލު ހިމެނެއެވެ.

ކުއްޖާއަށް ކޮށްފާނޭ އަސަރު

- އިހުމާލުވުމުގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމަށާއި ކުއްޖާގެ ސިއްޙަތަށް ނޭދެވޭ އަސަރު ކޮށްފާނެ، މިގޮތުން ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ކުއްޖާ ބޮޑުނުވުން ފަދަ ކަންކަން ކުރިމަތިވެދާނެ.
- ސީރިއަސް ބަލިތައްޖެހުން ނުވަތަ ނަފްސަށް ގެއްލުންވާފަދަ ކަމެއް ކުރިމަތިވުން.
- ކޮންމެހެން އަށަގަންނަންޖެހޭ އަސާސީކަންކަން ދަސްނުވެ، އެހެން ކުދީންނަށްވުރެ ސްކޫލުގައި ދައްވުން.
- ކުއްޖާ އަމިއްލައަށް ދެރަ ކުއްޖެއްކަމަށް ދެކި މަސްތުވާތަކެތި ބޭނުންކުރަން ފެށުން.
- ޚާއްޞަ ގޮތެއްގައި އެކަށީގެންވާ އެހީތެރިކަން ކުއްޖާއަށް ނުލިބޭނަމަ މިކަމުން ކުރާ އަސަރުތައް ކުއްޖާ ބޮޑުވެގެން އަންނައިރުވެސް ހުންނާނެ.

ނިޝާންތަކާއި ޢަލާމާތްތައް

އިހުމާލުވެފައިވާ ކުއްޖެއްގެ ފަރާތުން ފެނިދާނެ ކަންތައްތައް:
- އެކަނިކޮށްލާފައި ހުރުން
- އުޅޭނޭ ތަނެއް ނެތުން
- ޞިއްޙީގޮތުން އަޅާނުލެވި ހުރުން
- އަބަދުވެސް އެކަނި އުޅުން، ބެލެނިވެރިއެއްގެ ބެލުމުގެ ދަށުގައި ނެތުން
- އަމިއްލަ ނަފްސަށް އަނިޔާކުރުން
- އަބަދުވެސް ބަނޑުހައިވެފައި ހުރުން
- ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ބަލިވުން
- ސާފު ޠާހިރު ނުވުން/ކުޑަވުން
- ފަރުވާނުކުރެވި ހުންނަ ޙާލަތެއްގައި ހުރުން (މިސާލަކަށް: އަބަދު ބޮލުގައި އުކުނު އަޅާފައި ހުރުން، ހަމުގެ ބަލިތައްޖެހިފައި ހުރުން، ނެޕީ ރޭޝްޖެހިފައި ހުރުން ފަދަ)
- ސްކޫލަށް ނުވަތަ ޑޭކެއަރއަށް ޤަވަޢިދުން ނުދިޔުން
- ސްކޫލެއްގައި ރެޖިސްޓްރީވެފައި ނެތުން ނުވަތަ ސްކޫލަށް ނުދިއުން

އިހުމާލުވެފައިވާ ކުއްޖެއްގެ ޢަމަލުތައް ހުރެދާނެގޮތް:
- މަޑުމޮޅިވުން
- ހިފެހެއްޓުމެއްނެތި ކުއްލިކުއްލިއަށް ކަންކަންކުރުން ނުވަތަ އެއްޗެތި ބުނުން
- އެހެންމީހުންގެ ސަމާލުކަމާއި ލޯބި ގިނަގިނައިން ބޭނުންވުން
- ރަލާއި މަސްތުވާތަކެތި ބޭނުންކުރުން
- އަބަދު ވަރުބަލިވެފައި ހުރުން (މިސާލަކަށް: ކުލާހުގައި ގިނަގިނައިން ނިދުން)
- އެހެންކުދިންގެ އަތުން ކާނާއަށް ސަލާންޖެހުން ނުވަތަ އަތުލުން
- ގޭގައި ބަލާނޭމީހަކު ނެތްކަމަށް ބުނުން
- ގިނަގިނައިން ސްކޫލަށް ޙާޟިރުނުވުން ނުވަތަ ގަޑިޖެހިގެން އައުން
- ބެލެނިވެރިއެއްގެ ރޯލު ކުއްޖާ އަދާކުރުން
- މީހުންނަށްކުރާ އިތުބާރު ކުޑަވުން
- ކަންކަމަށް ދުރާލާ ނުރޭވުން، އަބަދުވެސް ވަގުތީ ވިސްނުން ހުރުން

އެހީ ހޯދޭނެގޮތް

އިހުމާލުވާނަމަ ނުވަތަ އެފަދަކަމަކަށް ޝައްކުކުރެވޭނަމަ:
- މާލެ އަތޮޅު ރަށަކުންނަމަ މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރގެ ފޯނު ނަންބަރ: 3328393 ގުޅުއްވުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ.
- އެ އަތޮޅެއްގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ)އަށް ގުޅުއްވާ ނުވަތަ ޒިޔާރަތްކުރުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ.
- 1412 (ކުޑަކުދިންނަށް ހިލޭ ގުޅެނަންބަރު)އަށް ގުޅުއްވުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ.
- ފުލުހުންގެ އިދާރާއަކަށް ނުވަތަ ޢާއިލާ އަދި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭ ފުލުހުންގެ ޑިޕާޓްމަންޓް (އެފް.ސީ.ޕީ.ޑީ)ގެ ފޯނު ނަންބަރު: 3000600 ގުޅުއްވުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ.

އެހީ ވެވޭނޭ ގޮތް

- ކުއްޖަކަށް މިފަދަ ކަމެއް ކުރިމަތިވާކަން އެނގޭނަމަ ނުވަތަ ޝައްކު ކުރެވޭނަމަ، އެކުއްޖާ ކުރެން ސުވާލުކޮށް އެހީ ވެވޭނޭ މަގުތައް ދެނެގަންނާށެވެ.
- ކުއްޖާއަށް ހިއްވަރުދީ އެކަނިވެރި ނުވާނޭކަން އަންގައިދޭށެވެ.
- ކުދިންގެ ޙާލުބަލާ އެ ކުދިންނަށް ވީ މިންވަރަކުން އެހީވެދޭށެވެ.