ނަފްސާނީގޮތުން ކުއްޖާގެ ބޮޑުވުމަށް ހުރަސްއަޅާ ކޮންމެކަމެއްވާނީ އެކުއްޖަކަށް ދެވޭ ނަފްސާނީ އަނިޔާއަކަށެވެ. މީގެ ތެރޭގައި ކުއްޖާ ބާކީކުރުން، އެކަހެރިކުރުން، ޖެއްސުންކުރުން، މަލާމާތްކުރުން އަދި ބިރުގެންނެވުން ފަދަ ކަންކަން ހިމެނެއެވެ. ކުއްޖާ ހިތުގައިޖެއްސުން، ގެވެށިއަނިޔާ ކުއްޖާގެ ކުރިމަތީ ހިންގުން، މީޑިއާގައި ކުދިންނާ ނުގުޅޭފަދަ ގޮތެއްގައި ރަމްޒުކުރުން، ކިޔަވައިދޭ ތަންތަނުގައި ނުވަތަ ސަރުކާރުގެ ވުޒާރާތަކުގައި ކުދިންނަށް މިފަދަ ހާނީއްކަ ކުރުންވެސް ވާނީ ނަފްސާނީގޮތުން ދެވޭ އަނިޔާއަކަށެވެ.

ކުއްޖާއަށް ކޮށްފާނޭ އަސަރު

- ނަފްސާނީގޮތުން ކުއްޖާއަށްލިބޭ އަނިޔާގެ ސަބަބުން ވަރަށް ބޮޑެތި އަޚްލާޤީ، ޢިލްމީ އަދި ނަފްސާނީ ނަހަމަކަމާއި ކުރިމަތިވެދާނެއެވެ. ކުއްޖާގެ ހެދިބޮޑުވުމަށް މިކަންކަމުގެ އަސަރުކޮށް، އެ ކުއްޖާ ބޮޑުވާއިރު ޞިއްޙަތު ރަނގަޅު މީހަކަށްވާން ދަތިވާނެއެވެ.
- ކޮންމެ ކުއްޖަކަށްވެސް ބަލައިގަތުމާއި، ލޯތްބާއި، ހިއްވަރާއި، އަދަބުވެރިކަމާއި، ސަމާލުކަން މައިންބަފައިން ނުވަތަ ބެލެނިވެރީންގެ ފަރާތުން ލިބެންޖެހެއެވެ. މިފަދަކަންކަން ނުލިބޭކުދިން ބޮޑުވާއިރު އެ މީހުން ދެކޭގޮތުގައި އެ މީހުންނަކީ ކޮންމެވެސް ގޮތަކަށް ތަސައްރަފު ނުފުދޭ ނުވަތަ އެ މީހުންނަށް މީހުން ގޯސްކޮށް ހިތަން މިންވަރުވެފައިތިބޭ ބައެއްކަމަށް ދެކެއެވެ.

ނިޝާންތަކާއި ޢަލާމާތްތައް

ކުއްޖާގެ ފަރާތުން ފެނިދާނޭ ސިފަތައް:
- އަމިއްލަ ނަފްސަށް ދެރަވާގޮތަށް ވާހަކަ ދެއްކުން
- ބުނާ ބަސްއަހާ އާދަޔާ ޚިލާފަށް ލަދުވެތިވުމާއި، ކަންކަމުގައި އެއްވެސް ވަރަކަށް އިސްނުނެގުން
- ޖިސްމާނީގޮތުން، ނަފްސާނީގޮތުން އަދި ސިކުނޑި ތަރައްޤީވާލެއް އެ ޢުމުރުގެ އެހެން ކުދިންނަށްވުރެ ލަސްވުން
- އަމިއްލަ ނަފްސަށް ގެއްލުންވާފަދަ ޢަމަލުތައް ހިންގުން
- ވަރަށްބޮޑަށް ރުޅިގަދަވުން
- އިހާނެތިވުން
- ބޭނުންވާ ކަންކަމާދޭތެރޭ ހަރުކަށިވުން

ކުއްޖާއަށް ގެވެށިއަނިޔާ ނުވަތަ ޢާއިލާތެރޭގައި ކުރެވޭ އަނިޔާ ފެންނަމުންދާކަމުގެ ނިޝާން:
- ނިދަން އުނދަގޫވުން
- ނުކައި ހުރުން
- ބިރުވެރި ހުވަފެން ގިނަގިނައިން ފެނުން
- އެހެން ކުދިންނާއެކު އުޅެން ބޭނުންނުވުން
- އަމިއްލަ ނަފްސާދޭތެރޭ ދެރަކޮށް ދެކުން
- އެއްވަރު ކުދީންނާއެކު އުޅުން ހުއްޓުން ނުވަތަ އެޅެން ބޭނުންނުވުން
- ރުޅިއައިސް ރުންކުރުވުން
- ގިނަގިނައިން ސްކޫލުގައި ނުވަތަ އެއްބަނޑު އެއްބަފާ ކުދީންނާއެކު ތަޅާފޮޅުން
- ރުޅިއައިސްގެން އެއްޗެތި އުކުން ނުވަތަ އެއްޗިހީގައި ތެޅުން
- އޮޅުކޮށްގެން ގެންގުޅޭފަދަ ޖަނަވާރަށް ޖެއްސުންކުރުން ނުވަތަ އަނިޔާވެރިވުން
- އެހެންކުދީންނަށް އަނިޔާކުރާނޭކަމުގެ ބިރުދެއްކުން (މިސާލަކަށް: އެއްޗެއް ނުދީފިނަމަ ޖަހާނަމޭ ބުނުން)
- ޢާއިލާގެ މީހުން، އެހެން ކުދިންގެ ސަމާލުކަން ހޯދުމަށް ތެޅުން، ކޮޅުފައިންޖެހުން ނުވަތަ ކަރުގައިހިފުން

އެހީ ހޯދޭނެގޮތް

އެއްވެސް ނަފްސާނީ މައްސަލައެއް ކުރިމަތިވާނަމަ ނުވަތަ ކުއްޖަކަށް މިފަދަ ހާނިއްކައެއް ވާކަން ނޫނީ ވެފައިވާކަމަށް އެނގި އެފަދަކަމަކަށް ޝައްކުކުރެވޭނަމަ:-
- މާލެ އަތޮޅު ރަށަކުންނަމަ މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރގެ ފޯނު ނަންބަރ: 3328393 ގުޅުއްވުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ.
- އެ އަތޮޅެއްގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ)އަށް ގުޅުއްވާ ނުވަތަ ޒިޔާރަތްކުރުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ.
- 1412 (ކުޑަކުދިންނަށް ހިލޭ ގުޅެނަންބަރު)އަށް ގުޅުއްވުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ.
- ފުލުހުންގެ އިދާރާއަކަށް ނުވަތަ ޢާއިލާ އަދި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭ ފުލުހުންގެ ޑިޕާޓްމަންޓް (އެފް.ސީ.ޕީ.ޑީ)ގެ ފޯނު ނަންބަރު: 3000600 ގުޅުއްވުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ.
 
އެހީ ވެވޭނޭ ގޮތް:
- ކުއްޖަކަށް މިފަދަ ކަމެއް ކުރިމަތިވާކަން އެނގޭނަމަ ނުވަތަ ޝައްކު ކުރެވޭނަމަ، އެކުއްޖާ ކުރެން ސުވާލުކޮށް އެހީ ވެވޭނޭ މަގުތައް ދެނެގަންނާށެވެ.
- ކުއްޖާއަށް ހިއްވަރުދީ އެކަނިވެރި ނުވާނޭކަން އަންގައިދޭށެވެ.
- ކުދިންގެ ޙާލުބަލާ އެ ކުދިންނަށް ވީ މިންވަރަކުން އެހީވެދޭށެވެ.