އާޓިކަލްސް

ކުޑަކުދިންގެ ދުވަހާއި ގުޅިގެން އަލްއުސްތާޛް މުޙައްމަދު އަނިލް ދެއްވި ޚިޠާބް

13 މެއި 2015

އައްސަލާމް ޢަލައިކުމް

މިއަދަކީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް. މިއަދުގެ މުނާސަބަތުގައި ދިވެހި ރާއްޖޭގެ އެންމެހާ ލޮބުވެތި ކުޑަކުދިންނަށާއި އަދި އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ދުވަހުގެ އިޚްލާޞްތެރި ހެޔޮއެދުމާއި، ތަހުނިޔާ އަޅުގަނޑު ދަންނަވަން. ކުޑަކުދިންގެ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބޮޑެތިވަމުން އަންނަ ކުދިންނަށް ބޭނުންވާ ރަނގަޅު ތައުލީމާއި، ހެޔޮ ތަރުބިއްޔަތާއި، އަމާން ވެއްޓެއް ޤާއިމް ކޮށްދިނުމުގައި މަސްޣޫލުވާ ފަރާތްތަކުގެ ޒިންމާ ހަނދާންކޮށްދިނުން. އަދި މިދެންނެވި ކަންކަން ކުދިންނަށް ފުރިހަމައަށް ފޯރުކޮށްދިނުމުގައި ހުރި ހުރަސްތަކާއި، ގޮންޖެހުންތަކާއި މެދު އާއްމުން ހޭލުންތެރިކުރުވުން. މީގެ އިތުރުން ކުޑަކުދިންނަށް އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނާއިއެކު ފައިދާހުރި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުންވެސް މި ދުވަސް ފާހަގަކުރުމުގެ އެއް ބޭނުން ކަމުގައި ހިމެނޭ.

މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "ކުޑަކުދިންގެ ރައްކާތެރިކަން – ގައުމުގެ ކުރިމަގު". މިޝިޢާރުން ހާމަކޮށްދޭ އެންމެ މުހިންމު އެއް މެސެޖަކީ ގައުމުގެ މުސްތަގްބަލް ބަނަވުން ނުވަތަ އުޖާލާވުން ގުޅިފައި އޮތީ މިއަދު ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދެވޭ މިންވަރެއްގެ މައްޗަށްކަން. މިގައުމަށް އުފަންވާ ކޮންމެ ކުއްޖަކީ ރައްކާތެރިކަމާއި، ލޯތްބާއި، އަޅާލުން ލިބޭ ކުއްޖަކަށް ވެއްޖެނަމަ ގައުމުގެ ކުރިމަގު އަޅުގަނޑުމެންނަށް ފެނިގެންދާނީ ވަރަށްވެސް އުޖާލާކޮށް. މި ދިވެހި ލޮބުވެތި ވަތަން އަމާންކަމުގެ ސުވަރުގެއެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގަތީ މިގައުމުގެ ކާބަފައިން އެމީހުންގެ ދަރިންނަށް ފޯރުކޮށްދިން ރައްކާތެރިކަމާއި، ދަސްކޮށްދިން ރީތި އާދަތަކުގެ ސަބަބުން. އިހު އަޅުގަނޑުމެންގެ ކުޑަކުދިން ބޮޑެތިވަމުން އައީ އެކުދިންގެ މައިންބަފައިންގެ އިތުރުން އާއިލާގެ ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން . ޢާއިލީ ގުޅުންތަކާއި، އަވަށްޓެރިންގެ މެދުގައި އޭރު އޮތް ހަރުދަނާ ގުޅުން ވެގެންދިޔައީ އެހެން މީހުންނާއި އެކުވެރިވެ އުޅެން އެކުދިންނަށް ދަސްކޮށްދިން މުހިންމު ފިލާވަޅުތަކަކަށް. އޭރުގެ ކާބަފައިންގެ މެދުގައި އޮތް އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއި، އެހީތެރިވުމުގެ ލާމަސީލު ގުޅުމުގެ ނަތީޖާއަކަށްވީ ހަރުދަނާ ކިޔަމަންތެރި ދަރިންތަކެއް ބިނާވެގެން ދިއުން. ދާދި ފަހަކާއި ޖެހެންދެން އަޅުގަނޑުމެން ތަޖުރިބާކުރި ސުލްޙަވެރިކަމާއި އަމާންކަމުގެ ހަޤީޤީ ސިއްރަކީ އެއީ ކަމުގައި މިއަދު އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ. އަޅުގަނޑުމެންނަށް އަލުން އެކަން އިޔާދަ ކުރެވެން އޮތީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ބޮޑެތިވަމުން އަންނަ ކުދިންނަށް ފުރިހަމަ ރައްކާތެރިކަން ހޯދައިދެވިގެން. ކާބަފައިން ދައްކުވައިދިން މިސާލެއް ނެތްފަދަ ނަމޫނާ އަޅުގަނޑުމެންނަށް ތަކުރާރު ކުރެވިގެން. އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ. އަދި މި މަސައްކަތް ފުރިހަމަކުރެވެން އޮތީ މުޅި މުޖުތަމަޢު ޝާމިލްވެގެން. މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ފުރިހަމައަށް އަދާކޮށްގެން.

ކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ އެންމެ މުހިންމު ޒިންމާ އުފުލަންޖެހޭ ބަޔަކީ މައިންބަފައިންކަމާއި މެދަކު ޝައްކެއްވެސް ނެތް. ދިރިއުޅުމުގެ ކަންކަން މިއަދު ބައްޓަންވެފައި ހުރި ގޮތަށް ބަލާއިރު މިއީ ފަސޭހަ ކަމެއްކަމުގައި ދެންނެވޭ ކަށްނެތް. އެކަމަކު އެއީ ކުދިންނަށް ލިބެންވާ ރައްކާތެރިކަމާއި އަޅާލުމުން އެކުދިން މަޙްރޫމްވުމުގެ ސަބަބެއް ކަމަށް މިއަދު ވަރަށް ގިނައިން ވެގެންދާކަމީ އަޅުގަނޑުމެން ހިތާމަ ކުރަންޖެހޭ ކަމެއް. މިކަން މިހެން ވިޔަ ނުދިނުމަށްޓަކައި ކުދިންގެ ކަންކަމުގައި ދެމަފިރިން ހިއްސާވާ މިންވަރު އިތުރުކުރަން އެބަޖެހޭ. ޚާއްޞަގޮތެއްގައި ކުދިންގެ ކަންކަމުގައި ބައްޕައިންގެ އެހީތެރިކަން ލިބޭ މިންވަރު މިހާރަށްވުރެ އިތުރުކުރުން ކޮންމެހެންވެސް މުހިންމު ކަމުގައި އަޅުގަނޑު ދެކެން. މިގޮތުން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައި ނަމޫނާ ބައްޕަ އަކަށް ވެވޭތޯ ކޮންމެ ފިރިހެން ބޭފުޅަކުވެސް މިއަދު އެބަ މަސައްކަތްކުރަންޖެހޭ. ސައިކަލްގައި ކުދިން ސްކޫލް ދޮށަށް ގެންގޮސް ގެނެސް ދީގެން އެކަނި މިއަދު ނިންމާލެވޭކަށް ނެތް. އޭގެ އިތުރުން ކުދިންގެ ހޯމްވޯކް ހެދުމުގައި އެހީތެރިވެދިނުން ފަދަ ކަންކަމުގައި ބައްޕައިންގެ ޙަރަކާތްތެރިވުން މިވަނީ އިތުރުކުރަންޖެހިފަ.

ކުޑަކުދިންނަށް ފުރިހަމަ ރައްކާތެރިކަމެއް ހޯދައިދެވޭނީ ހުރިހާ ބާވަތެއްގެ އަނިޔާތަކުން އެކުދިން ސަލާމަތް ކުރެވިގެން.  ގޭތެރެއިން ކުދިންނަށް އަނިޔާ ލިބެމުންދާ ހިނދު ގޭތެރޭގައި ދިރިއުޅޭ އެހެން މީހުންނާއި، އެކަން އެނގޭ އަވަށްޓެރިންނަށް މާ ބޮޑު ކަމަކަށް ނުވެ ބަލަހައްޓައިގެން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދި އަނިޔާ ކުރާ މައިންބަފައިންނާއި ދޭތެރޭ އޮންނަ ޒާތީ ތަޢައްޞުބަކީ ކުއްޖާއަށް ރައްކާތެރިކަން ނުދިނުމަށް އޮތް ބަހަނާއެއް ކަމުގައި ދުށުމަކީ ތަހްޛީބުވެފައިވާ ބައެއްގެ ވިސްނުން ހުންނަން ޖެހޭނެ ގޮތެއްވެސް ނޫން. އޭގެ ބަދަލުގައި އެފަދަ ކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގައި ފަރުދީގޮތުން ކުރެވެންހުރި ކޮންމެ ކަމަކަށް މަރުޙަބާ ކިޔާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. އެއީ އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ވަރަށް މަތިވެރި ޚިދުމަތެއް. އަދި އެއީ ގައުމުގެ ކުރިމަގަށްޓަކައި ފަރުދެއްގެ ހައިސިއްޔަތުން އަދާކޮށްދެވޭ ނުހަނު އަގުބޮޑު ހިއްސާއެއް.      

އަޅާލާނެ މީހަކު ނެތުމުންނާއި، ތަކުރާރުކޮށް އަނިޔާ ލިބެމުންދިއުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ނުވަދިހަ އަށްވުރެ ގިނަ ކުދިން ކުޑަކުދިންގެ ހިޔާގައި މިއަދުވެސް އެބަތިބި. ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބަންޖެހެނީ އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ އިތުރު އެހެން ގޮތެއް ނެތުމުން. އެކަމަކު އެއީ ދުރު މުސްތަޤްބަލަށް ބަލާއިރު ކުދިންނަށް އެންމެ ރަނގަޅުގޮތްކަމަކަށް ދައުލަތުން ނުދެކޭ. ހަޤީޤަތުގައި އެކުދިންނަށް އެންމެ ރަނގަޅު ތަރުބިއްޔަތެއް ލިބޭނީ ޒިންމާދާރު ޢާއިލާއެއްގެ ތެރޭގައި އެކުދިން ބޮޑެތިވެގެން. މިހެންވުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ހޯދުމަށް އެދުމުގެ ފުރުސަތު ވަރަށް ކުރިއްސުރެ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ފަރާތުން ވަނީ ހުޅުވާލާފަ. އަދި އެފަދަ ކުދިން ޢާއިލާތަކާއި ޙަވާލުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުން. މިގޮތުން ޤާނޫނީ ބެލެނިވެރިކަން ހޯދަން އެދި ހުށަހަޅާ ގިނަ ފަރާތްތަކުން އެދެމުން އަންނަނީ ވަރަށް ތުއްތު ކުއްޖަކު ހޯދަން. އެހެންވުމުގެ ސަބަބުން ކުޑަކުދިންގެ ހިޔާގައި ތިބި އުމުރުން ތަންކޮޅެއް ދޮށީ ކުދިންނަށް ޢާއިލާތަކާއި ގުޅުމުގެ ނަސީބު ލިބެނީ ވަރަށް މަދު ފަހަރެއްގަ.  އެހެން ކަމުން އިންސާނިއްޔަތަށް ކޮށްދެވޭ މުހިންމު ޚިދުމަތެއްގެ ގޮތުގައި ދެކިގެން މިފަދަ ކުދިންނަށް އެހީތެރިކަމެއް ފޯރުކޮށްދެވެން އޮތް ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުއްވުމަށް މިފުރުޞަތުގައި އަޅުގަނޑު އިލްތިމާސްކުރަން.

ކުޑަކުދިންނަށް އަމާން ރައްކާތެރި ވެށްޓެއް ޤާއިމް ކޮށްދިނުމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދީގެން ސަރުކާރުންވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުން. އެގޮތުން އެންމެ އިސްކަމެއްދީގެން މިހާރު ކުރަމުން އަންނަ އެއް މަސައްކަތަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ގުޅޭ އާ ބިލްގެ ޑްރާފްޓް ނިންމުމުގެ މަސައްކަތް. ސަރުކާރުގެ އަމާޒަކީ މިބިލްގެ މަސައްކަތް މުޅިން ނިންމައި މިއަހަރުގެތެރޭގައި މަޖިލީހަށް ފޮނުވުން. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ބެހޭ ބިލުގެ އިތުރުން ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ޢާއްމުން ހޭލުންތެރިކުރުވުމަށްޓަކައި ގިނަ ޙަރަކާތްތަކެއް މާލެ އާއި އަތޮޅުތަކުގައި ދަނީ ހިންގެމުން. މިގޮތުން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއާއި، ޔުނިސެފް ގުޅިގެން "އަހަން" ކެމްޕެއިން ގެ ނަމުގައި މިއަދު އިފްތިތާޙް ކުރެވޭ މީޑިޔާ ކެމްޕެއިން އަކީ މިދެންނެވި މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް.

މިއަދުގެ މުނާސަބަތުގައި ދިވެހި ރާއްޖޭގެ ހުރިހާ ލޮބުވެތި ކުޑަކުދިންނަށް އަޅުގަނޑު ދޭން ބޭނުންވާ ވަރަށް މުހިންމު މެސެޖެއް އެބައޮތް. ތިޔައީ ޝައްކެއްވެސް ނެތްގޮތުގައި އަޅުގަނޑުމެންގެ ކުރިމަގުގެ އުއްމީދު. ތިޔައީ މި ލޮބުވެތި ވަތަނުގެ މިނިވަންކަމާއި، އަމާންކަން ދެމެހެއްޓުމުގެ މުހިންމު މަސްއޫލިއްޔަތާއި މާދަމާ ޙަވާލުވާންތިބި ކުދިން. ޤައުމުގެ ކުރިއެރުމާއި ސުލްޙައާއި އަމާންކަން ބިނާވެފައި އޮންނާނީ އެ މަސްއޫލިއްޔަތާއި ތިޔަކުދިން ޙަވާލުވެ ނެރޭ ނަތީޖާއެއްގެ މައްޗަށް. މި ނަތީޖާ ހާސިލް ކުރުމަށްޓަކައި، ހަމައެކަނި ރަގަޅު ތައުލީމެއް ލިބުމަކުން ނުފުދޭ. މަސައްކަތުގެ މައިދާނުގައި ކާމިޔާބު މީހަކަށް ވުމަށްޓަކައި ރަގަޅު ތައުލީމަކާއެއެކު ރަގަޅު އަހުލާގެއް ހުރި ކުއްޖަކަށް ވާން އެބަޖެހޭ. އެހެން މީހުންނަށް އިޙްތިރާމްކުރާ، އެހެން މީހުން ދައްކާ ވާހަކަ އަޑުއެހުމުގެ ޤާބިލްކަން ހުރި ކުއްޖަކަށް ވާން އެބަޖެހޭ. ކުރިމަތިވާ ނުތަނަވަސް ކަމާއި އުނދަގޫ ޙާލަތްތަކުގައިވެސް ކެތްތެރިކަން އިސްކޮށް ވިސްނުންތެރިކަމާއެކު މަސައްކަތްކުރަން ދަންނަ ބަޔަކަށް ކޮންމެހެންވެސް ތިޔަކުދިން ވާންއެބަޖެހޭ. މުޅި މުޖުތަމަޢު އުފާވެރި ތަނަކަށް ހެދޭނީ އޭރުން

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމުންގެ ތެރޭގައި ބޮޑެތިވަމުން އަންނަ ކުދިންނަކީ ރަނގަޅު ތަޢުލީމަކާއި ހެޔޮ ތަރުބިއްޔަތެއްގެ މަތީގައި ބޮޑެތިވަމުން އަންނަ ބަޔަކު ކަމުގައި ﷲ ލެއްވުން. އަދި ދިވެހި މުޖުތަމަޢަކީ އެކުދިންނަށް އަމާން ރައްކާތެރި ތަނެއް ކަމުގައި އެކަލާނގެ ލެއްވުން. އާމީން. ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.